ރާއްޖޭގެ މާހައުލުގައި ކުކުޅު ގެންގުޅުން
ވިޔަފާރި އުސޫލުން ކުކުޅު ގެންގުޅުން
ތައާރަފް
ވިޔަފާރި އުސޫލުން ގެންގުޅެވޭ ކުކުޅުގެ މުޑުވައްތަކުގެ ތެރޭގައި، ބިހުގެ ބޭނުމަށް ގެންގުޅޭ ކުކުޅާއި، ކުކުޅު މަހުގެ ބޭނުމަށް ގެންގުޅޭ ކުކުޅު ހުރެއެވެ. އެގޮތުން މި ލިއުން ހާއްސަކޮށްލާނީ ބިހުގެ ބޭނުމުގައި ގެންގުޅޭ ކުކުޅަށެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި ޒަމާނުއްސުރެ "ދިވެހި ކުކުޅު" ގެންގުޅެމުން އައިނަމަވެސް، އެއީ ވިޔަފާރީގެ ގޮތުން ގެންގުޅެން އެންމެ އެކަށީގެންވާ މުޑުވައްތަކެއް ނޫނެވެ. ބިސް އެޅުމުގެ ދޭތެރެ ދުރުވުމާއި، މަހުގެ ފެންވަރު ދަށްވެ، ކުކުޅުތައް ސައިޒުން ކުދިވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި އޭގެ މަންފާ ނުކުރެއެވެ. ނަމަވެސް އީދު ފަދަ ހާއްސަ މުނާސަބާތަކަށް، ބައެއް މީހުން ދިރޭ ކުކުޅު ހޯދާއިރު، އިސްކަން ދެނީ ދިވެހި ކުކުޅަށެވެ.
މުޑުވައް ހިޔާރުކުރުން
ރާއްޖޭގެ މާހައުލުގެ ގޮތުންނާއި، ފިނިހޫނުމިނަށް ބަލާފައި، މިހާތަނަށް ކުރެވުނު ތަޖުރިބާގައި، ރާއްޖޭގައި ގެންގުޅެން އެންމެ އެކަށީގެންވާ އެއް މުޑުވަކަކީ ހައިލައިން ބްރައުންއެވެ. މި މުޑުވައް ރާއްޖެއަށް އެތެރެކުރަނީ މައިގަނޑު ގޮތެއްގައި އަވައްޓެރި ސިލޯނުންނެވެ. މުޑުވައް ހިޔާރު ކުރާއިރު، މި މުޑުވައް ގެންގުޅެ އާލާ ކުރާކަމުގެ ޔަގީންކަން އޮތް ކުންފުންޏަކުން މިތަކެތި ހޯދަން އިސްކަން ދިނުން މުހިންމެވެ. މި ކުކުޅުގެ ނަމުންވެސް އެނގޭހެން، މިއީ މުށު ކުލައިގެ، 1500-2000 ގުރާމަށް ބޮޑުވާ، މުށި ކުލައިގެ ބިސް އަޅާ ކުކުޅެކެވެ. އާންމު ހުދުބިހުގެ ބަރުދަނުގައި އެވަރެޖުކޮށް 40-45 ގުރާމް ހުންނައިރު، ހައިލައިން ބްރައުންގެ ބިހުގައި 65-70 ގުރާމް ހުރެއެވެ.
ބިސް ގެނެސްގެން ވިއްސުމުގެ ބަދަލުގައި، ކުކުޅު ކޮއްޓެއް އަޅާއިރު އެތެރެ ކުރާނީ 1 ދުވަސް ވީ ފިޔޮކެވެ. "ޑޭ އޯލްޑް ޗިކް" ކީ ނަމަވެސް އެކްސްޕޯޓް ކުރާއިރު ފިޔޮކުގެ އުމުރަކީ އާންމުކޮށް 1-7 ދުވަހެވެ.
ކޮށި އެޅުން
ބޮޑުވަމުން އަންނަ ކޮންމެ ކުކުޅަކަށް 10-15 އަކަ ފޫޓު ލިބޭ ގޮތަށް ކޮށީގެ ބޮޑުމިން ކަނޑައެޅުމަކީ ރަނގަޅު އާދައެކެވެ. ބައެއް ސިސްޓަމް ތަކުގައި ކުކުޅަކަށް 4 އަކަފޫޓުވެސް ދޫކުރެއެވެ. ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ކުކުޅު ގެންގުޅެނީނަމަ، އެކަށީގެންވާ ޖާގައެއް ދޭންވާނެއެވެ.
ކުކުޅު ގެންގުޅުމުގައި ރާއްޖޭގައި އެންމެ އާންމުގޮތަކީ ޑީޕްލިޓަރ ސިސްޓަމެވެ. މިއީ ކޮށި އަޅައިގެން ކުކުޅު ދުވެލާނެ އެކަށީގެންވާ ޖާގައެއްދީ، ކުނޑިއަޅައިގެން ކުކުޅު ގެންގުޅޭ ނިޒާމެކެވެ. ކުރީގައި ބެޓެރީ ކޭޖް ސިސްޓަމްވެސް ގެންގުޅުނެވެއެވެ. އެއީ 1 × 1 ފޫޓު ގޮޅިއެއްގައި ކުކުޅެއް ބައިންދައިގެން ބިސް އަޅުވާ ނިޒާމެކެވެ. މިއީ މިހާރު އެހާ މަގުބޫލު ނިޒާމެއް ނޫނެވެ.
ކޮށި އަޅާއިރު، ބުޅަލާއި މީދަލުން ކުކުޅުތައް ރައްކާތެރިކުރުމަށް، ނަރުދާ ޖެހުމަކީ މުހިންމު ކަމަކެވެ. އަދި ހޫނު މަޑުކުރުމަށް، ގަސްތަކުގެ ނިވަލުގައިވެސް ގެ އެޅިދާނެއެވެ، އަދި ފުރާޅު އުސް ކުރުމާއި، ފުރާޅުގައި ޓިނު ޖެހުމަށްފަހު، މަތިން ފަން އެޅުމަކީވެސް ކުރެވިދާނެ ކެމެކެވެ.
ފިޔޮއް ބެލެހެއްޓުން
ފިޔޮއް އެތެރެ ކުރާއިރު، އެއަށް ބޭނުންވާ ބޭހާއި ވެކްސިންވެސް އެތެރެކުރުން ރަނގަޅެވެ. ބައެއް ވެކްސިންތައް ޖަހައިގެން އެކްސްޕޯޓް ކުރާއިރު، ފަހުން ޖަހަން ޖެހޭ ބައެއް ވެކްސިން ހުރެއެވެ. މީގެ ތަފްސީލީ މައުލޫމާތު ދަނޑުވެރިކަމުގެ ވުޒާރާއިން ފޯރުކޮށްދޭނެއެވެ. ފިޔޮއްތައް ބޮޑެތިވެ، އުމުރުން 5 މަސް ވުމާއި ހަމައަށް، ގެންގުޅުމުގައި ވަރަށް ފަރުވާތެރިވާންޖެހެއެވެ. އެގޮތުން ބްރޫޑިންގް ކޭޖެއް ނުވަތަ ފިޔޮއް ބަލަހައްޓާ ވަކި ކޮށްޓެއް ގެންގުޅެވިދާނެއެވެ.
މި ކޮށީގައި ފިޔޮތްތަކަށް ހޫނުކުރުމަށް ގޭސް ބްރޫޑަރ އެއް ނުވަތަ ފިލަމެންޓް ބޮކިވެސް ބޭނުން ކުރެވިދާނެއެވެ. ފިޔޮއްތައް ބޮޑެތިވަމުންދާ ވަރަކަށް އެކަތި އަނެކައްޗަށް ކޮށައި ހަދައި ގެއްލުންދޭނެތީ، ޑީ ބީކިންގް މެޝިނަކުން ނުވަތި ހޫނުކުރި ތިލައެއްގައި ޖައްސައިގެން، މަތީތުން، ތިރީތުމަށްވުރެ ކުރުކޮށްލުމަކީ ރަނގަޅު އާދައެކެވެ.
ކާނާ ދިނުން
ކުކުޅުގެ 3 މަރުހަލާއަށް ހާއްސަ 3 ކާނާއެއް ހުރެއެވެ. އެގޮތުން ސްޓާޓަރ، ގޮރޯވަރ އަދި ލޭޔަރ ފީޑް ހުންނަކަން ފާހަގަކޮށްލެވެ.
މީގެ ބޭނުމަކީ އެ އުމުރުފުރައަށް ބޭނުންވޭ ނިއުޓްރިޝަން ފޯރުކޮށްދިނުމެވެ. ތިރީގައިވާ ތާވަލުގައި އެވަނީ ކޮންމެ ފިޔޮކަކަށް، ކޮންމެ މަރުހަލާއެއްގައި އެވަރެޖްކޮށް ކާނާ ބޭނުންވާނެ މިންވަރެވެ.
ކާނާ |
ތަފްސީލް |
ދުވާލަކަށް އެވަރެޖް / ފިޔޮކަކަށް |
ސްޓާޓަރ ފީޑް |
ފުރަތަމަ ހަފުތާއިން 8 ވަނަ ހަފުތާއަށް. ކޮންމެ ހަފުތާއަކު 6 ގުރާމް އިތުރު ކުރަމުން ގެންދިއުމަށް. |
13-50ގ |
ގްރޯވަރ ފީޑް |
9 ވަނަ ހަފުތާއިން 18 ވަނަ ހަފުތާއަށް. ކޮންމެ ހަފުތާއަކު 6 ގުރާމް އިތުރު ކުރަމުން ގެންދިއުމަށް. |
60-85ގ |
ލޭޔަރ ކްރަމްބަލް |
މި ކާނާ 3 މަރުހަލާގައިވެސް ކޮންމެވެސް ވަރަކަށް ދެވިދާނެއެވެ. އެގޮތުން 40 ވަނަ ހަފުތާ ހަމައަށް ދިނުމަށްފަހު ދެން މި ކާނާ ދޭނީ 60 ވަނަ ހަފުތާއިން ފެށިގެންނެވެ. |
85ގ |
ބެލެހެއްޓުން
ކުކުޅުގެ އުމުރުން 5 މަހުން ފެށިގެން 18 މަހާ ހަމައަށް އެއީ، ފުރިހަމަ ޕްރޮޑަކްޓިވިޓީ ޕީރިއަށް ކަމުގައި ބެލެވިދާނެއެވެ. އަދި އެއަށްފަހު ބިސް އެޅުން ދަށްވާން ފެށުމުން، ކުކުޅު ކަތިލައި، މަހުގެ ގޮތުގައި ވިއްކާލެވިދާނެއެވެ. ކުކުޅު ކޮށްޓަށް އަޅާފައި ހުންނަ ކުނޑިއަކީވެސް ރަނގަޅަށް ފީވުމުން، ވަރަށް ރަނގަޅު ގަސްކާނާއެކެވެ، އެގޮތުން އެވެސް ބަންދުކޮށްގެން ނުވަތަ ހުރިގޮތަށްވެސް ކިލޯ ކިރައިގެން ވިއްކިދާނެއެވެ. ގިނަ ކުކުޅުތަކެއް އެއްތަނެއްގައި ގެންގުޅޭއިރު، ބައްޔެއް ފެތުރިދާނެކަމަށް ދުރާލާ ވިސްނައި، ބަލަމުން ގެންދަންވާނެއެވެ.
މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ބަލީގެ އަލާމަތް ފެންނަ ކުކުޅު ކޮށިން ވަކިކޮށް،ދަނޑުވެރިކަމާބެހޭ ވުޒާރާގެ ލަފާ ހޯދަން ވާނެއެވެ.
ރަނގަޅަށް ކާންދީގެނެ ދުޅަހެއްޔޮ ސިއްހަތެއްގައި ތިބޭ ބިސް އަޅާ ކުކުޅު ގެންގުޅޭއިރު، ކުކުޅެއްގެ 18 މަހުގެ ޕްރޮޑަކްޓިވިޓީ މުއްދަތުގައި 320 ބިސް އެވަރެޖްކޮށް އަޅާނެއެވެ. ކޮށީ ތެރޭގައި ކޮންމެ 8 ކުކުޅަކަށް ހާއްޔެއް ފޯރުކޮށްދޭންވާނެއެވެ.
ޖާގަ ސަލާމަތް ކުރުމުގެ ގޮތުން އެކި ބައިބައި ލާފައި ހުންނަ ހާލި ހޯދިދާނެއެވެ. އަދި އެދުވަހަކު އަޅާ ބިސް، އެދުވަހަކުން ނަގަމުން ގެންދަންވާނެއެވެ.