ހައިޑްރޮޕޯނިކްސްގައި އިންދައި ހެއްދުން

ފެނުގައި ގަސް ހެއްދުން

 

އެން.އެފް.ޓީ ސިސްޓަމް

ހައިޑްރޮޕޯނިކްސް ނުވަތަ ފެނުގައި ގަސް ހައްދާ ނިޒާމު ތަކުގެ ތެރެއިން، އެން.އެފް.ޓީ ސިސްޓަމް އަކީ ތުނި ކާނާ ފެން ފަށަލައެއްގެ އެހީގައި ގަސް ހައްދާ ގޮތަށް ފަރުމާ ކުރާ ނިޒާމް ތަކެވެ. މައިގަނޑު ގޮތެއްގައި މިފަދަ ނިޒާމްތައް ބޭނުން ކުރަނީ ފެނުގައި އުފެދޭ ހޫނު އަވަހަށް ފިލުވައިލުމަށާއި، އިސްރާފު ކުޑަ ކުރުމަށެވެ.

ސިސްޓަމް ތައްޔާރު ކުރުން

އެން.އެފް.ޓީ ސިސްޓަމެއް ތައްޔާރު ކުރާއިރު އެންމެ އިސްކަމެއް ދޭން ޖެހޭ އެއްކަމަކީ، ސިސްޓަމުގެ އެއްކޮޅުން ފެން އެޅި، އަނެއްކޮޅުން ފެންފައިބައިގެން އަނބުރާ ކާނާ ޓޭންކަށް ފެން ފައިބާ ގޮތަށް ފަރުމާ ކުރުމަށެވެ. އަދި ސިސްޓަމުގެ ތެރޭގައި ފެން ބަހައްޓާނެ ފުން މިން ކަނޑައަޅަންވާނެއެވެ. އާންމު އުސޫލަކުން 4-6 އިންޗި އާ ދެމެދު ފުންމިން ބެހެއްޓުމުން ރަނގަޅު ވާނެއެވެ. ގަސް ހައްދާ ސިސްޓަމުގެ ގޮތުގައި ފުޅިމަދު ފޮށި (ތިލަކޮށްފައި)، ޕީވީސީ ހޮޅި އަދި ތައްޔާރު ޗެނަލް/ގަލީ ސިސްޓަމްވެސް އެން.އެފް.ޓީ އަށް ބޭނުންކުރެވިދާނެއެވެ.

ފެން ނުގުމަށް ބޭނުން ކުރާނީ އޮވަރހެޑް ޕަންޕެކެވެ. ޕަންޕުގެ ބޮޑު ކުޑަމިން ބިނާވާނީ، ސިސްޓަމުގައި އިންދާފައި ހުރި ގަހުގެ އިތުރުން، ފެން ނަގަން ޖެހޭ އުސްމިނަށެވެ. އާންމު އުސޫލަކުން 3-5 ފޫޓަށް ފެން ނަގައިދޭ އެކުއޭރިއަމް އޮވަރހެޑް ޕަންޕަކުން ކުދި ސިސްޓަމް ހިންގާލެވޭނެއެވެ.

އެއްކޮޅަށް ފެންފަހިވާ ގޮތަށް ބެހެއްޓުމުގެ ބަދަލުގައި، ސިސްޓަމުގެ ހަރު ނުވަތަ ސްޓޭންޑް ތައްޔާރު ކުރަންވާނީ ލެވަލްކޮށެވެ. ބޭނުމަކީ އެތެރޭގައި ހުރިހާ ގަހެއްގެ މުލަށްވެސް އެއްވަރެއްގައި ފެނާއި ކާނާ ލިބޭ ގޮތަށް ބެހެއްޓުމެވެ.

ފެން

ފެނުގައި ގަސް ހެއްދުމަށް އެންމެ އެކަށީގެންވާކަމަށް ރާއްޖޭގައި ފާހަގަ ކުރެވިފައިވަނީ ވާރޭފެނެވެ. މިއީ ސިސްޓަމު ހިނގުމުގެ ހަރަދަށާއި، ކާނާ އެއްކުރުމަށާއި، ގަހުގެ ހެދިބޮޑުވުމަށް ޖުމްލަކޮށް އެންމެ ރަނގަޅު ފެނެވެ. ވަޅު ފެނުގައި ހައްދާއިރު، އެހެނިހެން މައުދަންތައް ފެނުގައި ހިމެނުމުގެ ސަބަބުން، ކާނާ އެއްކުރާނެ މިންގަނޑާއި ޕީ.އެޗް ކަނޑައަޅަން އުނދަގޫވެ، ގަހުގެ ހެދުމަށް ނޭދެވޭ އަސަރު ކުރެއެވެ. އަދި މީގެ އިތުރުން ޕަންޕު ކަހަލަ ބައެއް އާލާތްތައް ފަސޭހައިން މައްސަލަ ޖެހެން ފަށައެވެ.

މުޑުވައްކުރުން

ސިސްޓަމުގައި އިންދުމަށް އޮށް މުޑުވައްކުރަން ރަނގަޅި ކުނޑި، ޖަރާސީމު އަދި ފަސް ނުހިމެނޭ އެއްޗެއްގައެވެ. މީގެ މައިގަނޑު ބޭނުމަކީ ސިސްޓަމުގެ ފެންގަނޑު ތަގައްޔަރު ވިޔަ ނުދިނުމާއި ސާފުތާހިރުކަން ދަމަހައްޓައި، ގަހަށް ޖެހޭ ބަލިތަކުގެ ފުރުސަތު ކުޑަ ކުރުމެވެ. އެގޮތުން އާންމުކޮށް މުޑުވައްކުރަނީ ސްޕޮންޖުގައެވެ. އަދި ބައެއް ބާވަތްތައް ވާމިކިއުލައިޓް އަދި ޕަރލައިޓްގެ މިކްސް އެއްގައި މުޑުވައްކުރެވޭއިރު، ކުދި ޕޮޓަށް ބޮނބި ކުނޑީ އަޅައިގެންވެސް މުޑުވައްކުރަން ބޭނުން ކުރެވިދާނެއެވެ. ލެޓިއުސް ނޫން ކޮންމެ ބާވަތެއް މުޑުވައްކުރާ އާންމު އުސޫލަކީ ކޮންމެ އޮށެއް ވަކި ގަހެއްގެ ގޮތުގައި ހައްދާ ގޮތަށެވެ. އޮށް ފަޅާ އިންސައްތަ ދަށް ބައެއް ބާވަތްތަކުންނާއި، ދެރަ މުޑުވައްތަކުން، އެއް ޕޮޓު ނުވަތަ ސްޕޮންޖުކޮޅުގައި 4-5 އޮށް އިންދިދާނެއެވެ.

ލެޓިއުސް އިންދުމަށް 1.5×1.5 އިންޗިން ސްޕޮންޖު ކެފިދާނެއެވެ އަދި ކަންބާ، މެލަން ކަހަލަ ބޮޑަށް ހެދޭ ބާވަތްތައް އިންދުމަށް 2×2 އިންޗިން ސްޕޮންޖު ކެފިދާނެއެވެ.

ބެލެހެއްޓުން

ސިސްޓަމް ތައްޔާރުކޮށް ގަސްތައް ބަދަލުކުރުމުގެ ކުރިން، ބްލީޗް ފެންފޮދަކުން ސިސްޓަމް ރަނގަޅަށް ދޮވެ ސާފުކޮށްލަންވާނެއެވެ. މިއީ ޅަ ގަސްތައް ޖަރާސީމު ބަލިތަކުން ސަލާމަތް ކުރުމަށް މުހިންމުކަމެކެވެ. އެކި ބާވަތަކުގެ ގަސްތައް ހެއްދުމުގައި ހުންނަ ރަނގަޅު އާދަތަކުގައި ހިފަހައްޓަން ވާނެއެވެ. އެގޮތުން ދެގަސް ދޭތެރޭގެ ދުރުމިންތަކާއި، ވެލަށް ހެދޭ ގަސްތައް ކޮށުން ކުރިއަށް ގެންދަންވާނެއެވެ.

ސިސްޓަމުގައި ހުންނަ ކާނާ ފެން ގަސްތަކުން ބޭނުން ކުރަމުންދާ ނިސްބަތުން، މިންގަޑަށް ބަދަލު އަންނަމުން ދާނެއެވެ. އެގޮތުން ކާނާގެ މިންގަނޑުގެ އިތުރުން، ޕީ.އެޗް މިންގަނޑުވެސް ބަދަލުވަމުން ދާނެއެވެ. ކޮންމެ ދުވަހަކު 1 ފަހަރު އީ.ސީ މީޓަރުންނާއި ޕީ.އެޗް މީޓަރުން މިންގަނޑު ބަލައި، އަންނަ ބަދަލުތަކަށް އެޖަސްޓު ކުރަމުން ގެންދަންވާނެއެވެ. އެއްވެސް ސަބަބަކާއިހުރި ކާނާ ފެން ޓޭންކް ތަގައްގަރު ވެއްޖެނަމަ، އަލުން ބަދަލު ތައްޔާރު ކުރަންވާނެއެވެ.

ބޭރު ލިންކްތައް

  • 162