ޑީ.އެފް.ޓީ ސިސްޓަމުގައި އިންދައި ހެއްދުން

ޑީ.އެފް.ޓީ ސިސްޓަމް

 

 

ހައިޑްރޮޕޯނިކްސް ނުވަތަ ފެނުގައި ގަސް ހައްދާ ނިޒާމު ތަކުގެ ތެރެއިން، ޑީޕް ފްލޯ ޓެކްނިކް (ޑީ.އެފް.ޓީ) ސިސްޓަމް އަކީ ކާނާގެ ފުން ފެން ފަށަލައެއްގެ އެހީގައި ގަސް ހައްދާ ގޮތަށް ފަރުމާ ކުރާ ނިޒާމް ތަކެވެ. މައިގަނޑު ގޮތެއްގައި މިފަދަ ނިޒާމްތައް ބޭނުން ކުރަނީ ކަރަންޓުގެ ކުޑަ ޚަރަދަކުން ހިންގާ ނިޒާމް ތަކަށާއި، ޚަރަދު ކުޑަ މެޓީރިއަލް ބޭނުން ކުރާ ނިޒާމުތަކުގެ އިތުރުން، ވަރުގަދައަށް ދިގުކޮށް މޫހެދޭ ގަސްތައް ހެއްދުމަށެވެ.

 

ސިސްޓަމް ތައްޔާރު ކުރުން

އެން.އެފް.ޓީ ސިސްޓަމާ ޚިލާފަށް، ޑީ.އެފް.ޓީ ސިސްޓަމް ފެން ދައުރުވާ ގޮތަށާއި ފެން ދައުރުނުވާ ގޮތަށްވެސް ތައްޔާރު ކުރެވިދާނެއެވެ. ފެން ފުންކޮށް ބަހައްޓާ މި ނިޒާމުގައި ވިސްނަންޖެހޭ މައިގަނޑު ކަމަކީ ކާނާ މެނޭޖް ކުރުމުގެ އިތުރުން ގަހަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދޭނެ ގޮތުގެ މައްޗަށެވެ. ސަބަބަކީ ދައުރުވާ ނިޒާމަށްވުރެ އަވަހަށް، ސްޓިލް ސިސްޓަމްތަކުގައި އޮކްސިޖަން އުފެދުން ދަށްވާނެތީއެވެ. މިކަން ރަނގަޅު ކުރުމުގެ ގޮތުން ޓޭންކުގެ ތެރެއަށް އެއަރ ޕަންޕެއް ލެވިދާނެއެވެ.

އާންމު އުސޫލަކުން 4-6 އިންޗި އާ ދެމެދު ފުންމިން ބެހެއްޓުމުން ރަނގަޅު ވާނެއެވެ. ގަސް ހައްދާ ސިސްޓަމުގެ ގޮތުގައި ފުޅިމަދު ފޮށި (ތިލަކޮށްފައި)، ޓްރޭ ނުވަތަ ޓްރަފް، ޕީވީސީ 4 އިންޗި އަދި 6 އިންޗި ހޮޅި އަދި ބާލިދީވެސް ބޭނުން ކުރެވިދާނެއެވެ. ޑީ.އެފް.ޓީ ގައި ފަސޭހަކަމާއި އެކު ކިއުކަންބާ އާއިލާގެ ގަސްތައް ހެއްދިދާނެއެވެ.

ފެން ދައުރުވާ ގޮތަށް ސިސްޓަމް ފަރުމާ ކުރާނަމަ، ފެން ނުގުމަށް ބޭނުން ކުރާނީ އޮވަރހެޑް ޕަންޕެކެވެ. ޕަންޕުގެ ބޮޑު ކުޑަމިން ބިނާވާނީ، ސިސްޓަމުގައި އިންދާފައި ހުރި ގަހުގެ އިތުރުން، ފެން ނަގަން ޖެހޭ އުސްމިނަށެވެ. އާންމު އުސޫލަކުން 3-5 ފޫޓަށް ފެން ނަގައިދޭ އެކުއޭރިއަމް އޮވަރހެޑް ޕަންޕަކުން ކުދި ސިސްޓަމް ހިންގާލެވޭނެއެވެ.

އެއްކޮޅަށް ފެންފަހިވާ ގޮތަށް ބެހެއްޓުމުގެ ބަދަލުގައި، ސިސްޓަމުގެ ހަރު ނުވަތަ ސްޓޭންޑް ތައްޔާރު ކުރަންވާނީ ލެވަލްކޮށެވެ. ބޭނުމަކީ އެތެރޭގައި ހުރިހާ ގަހެއްގެ މުލަށްވެސް އެއްވަރެއްގައި ފެނާއި ކާނާ ލިބޭ ގޮތަށް ބެހެއްޓުމެވެ.

 

ފެން

ފެނުގައި ގަސް ހެއްދުމަށް އެންމެ އެކަށީގެންވާކަމަށް ރާއްޖޭގައި ފާހަގަ ކުރެވިފައިވަނީ ވާރޭފެނެވެ. މިއީ ސިސްޓަމު ހިނގުމުގެ ހަރަދަށާއި، ކާނާ އެއްކުރުމަށާއި، ގަހުގެ ހެދިބޮޑުވުމަށް ޖުމްލަކޮށް އެންމެ ރަނގަޅު ފެނެވެ. ވަޅު ފެނުގައި ހައްދާއިރު، އެހެނިހެން މައުދަންތައް ފެނުގައި ހިމެނުމުގެ ސަބަބުން، ކާނާ އެއްކުރާނެ މިންގަނޑާއި ޕީ.އެޗް ކަނޑައަޅަން އުނދަގޫވެ، ގަހުގެ ހެދުމަށް ނޭދެވޭ އަސަރު ކުރެއެވެ. އަދި މީގެ އިތުރުން ޕަންޕު ކަހަލަ ބައެއް އާލާތްތައް ފަސޭހައިން މައްސަލަ ޖެހެން ފަށައެވެ.

މުޑުވައްކުރުން

ސިސްޓަމުގައި އިންދުމަށް އޮށް މުޑުވައްކުރަން ރަނގަޅީ ކުނޑި، ޖަރާސީމު އަދި ފަސް ނުހިމެނޭ އެއްޗެއްގައެވެ. މީގެ މައިގަނޑު ބޭނުމަކީ ސިސްޓަމުގެ ފެންގަނޑު ތަގައްޔަރު ވިޔަ ނުދިނުމާއި ސާފުތާހިރުކަން ދަމަހައްޓައި، ގަހަށް ޖެހޭ ބަލިތަކުގެ ފުރުސަތު ކުޑަ ކުރުމެވެ. އެގޮތުން އާންމުކޮށް މުޑުވައްކުރަނީ ސްޕޮންޖުގައެވެ. އަދި ބައެއް ބާވަތްތައް ވާމިކިއުލައިޓް އަދި ޕަރލައިޓްގެ މިކްސް އެއްގައި މުޑުވައްކުރެވޭއިރު، ކުދި ޕޮޓަށް ބޮނބި ކުނޑީ އަޅައިގެންވެސް މުޑުވައްކުރަން ބޭނުން ކުރެވިދާނެއެވެ. ލެޓިއުސް ނޫން ކޮންމެ ބާވަތެއް މުޑުވައްކުރާ އާންމު އުސޫލަކީ ކޮންމެ އޮށެއް ވަކި ގަހެއްގެ ގޮތުގައި ހައްދާ ގޮތަށެވެ. އޮށް ފަޅާ އިންސައްތަ ދަށް ބައެއް ބާވަތްތަކުންނާއި، ދެރަ މުޑުވައްތަކުން، އެއް ޕޮޓު ނުވަތަ ސްޕޮންޖުކޮޅުގައި 2-3 އޮށް އިންދިދާނެއެވެ.

ލެޓިއުސް އިންދުމަށް 1.5×1.5 އިންޗިން ސްޕޮންޖު ކެފިދާނެއެވެ އަދި ކަންބާ، މެލަން ކަހަލަ ބޮޑަށް ހެދޭ ބާވަތްތައް އިންދުމަށް 2×2 އިންޗިން ސްޕޮންޖު ކެފިދާނެއެވެ. ލެޓިއުސް ހައްދަން ދެ ގަސް ދޭތެރަށް 8 އިންޗި ދޫކުރެވިދާނެއެވެ އަދި ކަންބާ އާއިލަގެ ގަސްތަކަށް 12-14 އިންޗި ދޫކުރެވިދާނެއެވެ.

ބެލެހެއްޓުން

ސިސްޓަމް ތައްޔާރުކޮށް ގަސްތައް ބަދަލުކުރުމުގެ ކުރިން، ބްލީޗް ފެންފޮދަކުން ސިސްޓަމް ރަނގަޅަށް ދޮވެ ސާފުކޮށްލަންވާނެއެވެ. މިއީ ޅަ ގަސްތައް ޖަރާސީމު ބަލިތަކުން ސަލާމަތް ކުރުމަށް މުހިންމުކަމެކެވެ. އެކި ބާވަތަކުގެ ގަސްތައް ހެއްދުމުގައި ހުންނަ ރަނގަޅު އާދަތަކުގައި ހިފަހައްޓަން ވާނެއެވެ. އެގޮތުން ދެގަސް ދޭތެރޭގެ ދުރުމިންތަކާއި، ވެލަށް ހެދޭ ގަސްތައް ކޮށުން ކުރިއަށް ގެންދަންވާނެއެވެ.

ސިސްޓަމުގައި ހުންނަ ކާނާ ފެން ގަސްތަކުން ބޭނުން ކުރަމުންދާ ނިސްބަތުން، މިންގަޑަށް ބަދަލު އަންނަމުން ދާނެއެވެ. އެގޮތުން ކާނާގެ މިންގަނޑުގެ އިތުރުން، ޕީ.އެޗް މިންގަނޑުވެސް ބަދަލުވަމުން ދާނެއެވެ. ކޮންމެ ދުވަހަކު 1 ފަހަރު އީ.ސީ މީޓަރުންނާއި ޕީ.އެޗް މީޓަރުން މިންގަނޑު ބަލައި، އަންނަ ބަދަލުތަކަށް އެޖަސްޓު ކުރަމުން ގެންދަންވާނެއެވެ. އެއްވެސް ސަބަބަކާއިހުރި ކާނާ ފެން ޓޭންކް ތަގައްގަރު ވެއްޖެނަމަ، އަލުން ބަދަލު ތައްޔާރު ކުރަންވާނެއެވެ.

  • 151